ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީ.އޭ.އެމް) އިން އިންތިޒާމުކުރާ “ރާއްޖެ ސުޕަ ލީގު 2026” ގެ ފިރިހެން ޑިވިޛަން، މުއްދަތެއް ނެތް ގޮތަށް ފަސްކުރުމާ ގުޅިގެން ވޮލީ އާއިލާގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. މި ނިންމުމުގެ ސަބަބުން، ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް ހުރި އިދާރީ އަދި އޮނިގަނޑުތަކުގެ ބަލިކަށިކަން ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ.
އެންމެ ފުރަތަމަ ޖެނުއަރީ މަހު ބޭއްވުމަށް ތާވަލުކުރި މި މުބާރާތް، ފުރަތަމަ ފަސްކުރީ ޖުލައި މަހަށެވެ. އޭގެ ފަހުން، ކުރިއަށް އޮތް މަހުގެ ފުރަތަމަ ދުވަހު ފެށުމަށް އަލުން ތާރީޚު ކަނޑައެޅުމަށްފަހު، މިހާރު މިވަނީ ކުއްލި ގޮތަކަށް މުއްދަތެއް ނެތް ގޮތަށް މުބާރާތް ފަސްކޮށްފައެވެ. މީގެ ސަބަބުން ޓީމުތަކާއި، ކުޅުންތެރިންނާއި، މި ކުޅިވަރާ ގުޅުންހުރި އެންމެހައި ފަރާތްތައް ވަނީ ބޮޑު އޮޅުންބޯޅަގަނޑެއްގެ ތެރޭގައެވެ.
ތަކުރާރުކޮށް މުބާރާތް ފަސްކުރުމާއި، އެންމެ ފަހު ވަގުތު ނިންމުންތަކަށް ބަދަލު ގެނައުމަކީ ހަމައެކަނި އިންތިޒާމީ މައްސަލައެއް ނޫނެވެ. މިއީ ރޭވުންތެރިކަމެއް ނެތުމާއި، ގައުމީ ފެންވަރުގެ މުބާރާތްތަކުގެ އިތުބާރު ހިފެހެއްޓުމަށް ބޭނުންވާ ސާބިތުކަމާއި އިޚުލާޞްތެރިކަން މަދުކަން ހާމަކޮށްދޭ ކަމެކެވެ.
ވީ.އޭ.އެމްގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވި ގޮތުގައި، މުބާރާތް ފަސްކުރަން ޖެހުނީ ރަށްރަށުގެ ކައުންސިލްތަކަށް މި ދަނޑިވަޅުގައި ކުރިމަތިވެފައިވާ ޙާލަތްތަކުގެ ސަބަބުން، މުބާރާތަށް ތައްޔާރުވުމުގައި ދަތިތަކެއް ހުރެދާނެތީއެވެ. ނަމަވެސް، މި ޢުޒުރަކީ ވޮލީ އާއިލާގެ ގިނަ ބަޔަކު ގަބޫލުކުރާ ކަމެއް ނޫނެވެ.
ގިނަ ބަޔަކު ދެކޭގޮތުގައި މިއީ އެސޯސިއޭޝަނުގެ ޒިންމާތަކުން ރެކުމަށް ދައްކާ ބަހަނާއެކެވެ. ވަކިން ޚާއްޞަކޮށް، ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން، އޭގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބާ ގުޅުވައިގެން ވާހަކަ ދެއްކުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ކުޅިވަރަކީ ބައިބައިވުން އުފައްދާ އެއްޗަކަށް ވުމުގެ ބަދަލުގައި، އެއީ އެކުވެރިކަން އާލާކުރާ ވަސީލަތަކަށް ވާންޖެހޭނެއެވެ. އިދާރީ ނުކުޅެދުންތެރިކަން ސިޔާސީ ކަންކަމާ ގުޅުވުމަކީ ކުޅިވަރުގެ ރޫޙާ ޚިލާފު ކަމެކެވެ.
މި މުބާރާތް ފަސްކުރުމުގެ އެންމެ ބޮޑު ގެއްލުމެއް ލިބެނީ މުބާރާތަށް ތައްޔާރުވަމުންދިޔަ ޓީމުތަކަށެވެ. ބައެއް ޓީމުތަކުން ވަނީ ބޭރުގެ ކުޅުންތެރިން ގެނައުމަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ކުޅުންތެރިންގެ ކޮންޓްރެކްޓް ފައިސާ ދިނުމާއި، ދަތުރުފަތުރުގެ ޓިކެޓް ނެގުން ހިމެނެއެވެ. މިއީ ޓީމުތަކުން ކުރާ ވަރަށް ބޮޑު އިންވެސްޓްމަންޓެކެވެ.
މުއްދަތެއް ނެތް ގޮތަށް މުބާރާތް ފަސްވުމުން، މި އިންވެސްޓްމަންޓްތައް ބޭކާރުވެ، ޓީމުތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ. އަދި މީގެ އިތުރުން، ބޭރުގެ ކުޅުންތެރިންގެ ކުރިމަތީގައި ރާއްޖޭގެ ޓީމުތަކުގެ އިތުބާރު ގެއްލިގެންދާނެއެވެ. މުސްތަޤުބަލުގައި ބޭރުގެ ފެންވަރު ރަނގަޅު ކުޅުންތެރިން ރާއްޖެއަށް ގެނައުމަކީ މީގެ ސަބަބުން ދަތި ކަމަކަށް ވާނެއެވެ.
މިކަމާ ގުޅޭގޮތުން މީޑިއާއާ ވާހަކަދެއްކި ޓީމު އޮފިޝަލަކު ފާހަގަކުރި ގޮތުގައި، ކޮންމެ ފަހަރަކު މުބާރާތް ފަސްކުރުމުން ޓީމުތަކުން ކުރަންޖެހޭ ޚަރަދުތައް އިތުރުވެގެންދެއެވެ. ނަމަވެސް، އެސޯސިއޭޝަނުގެ ފަރާތުން އެފަދަ ކަންކަމަށް އެއްވެސް ޒިންމާއެއް ނުއުފުލުމަކީ ލިބޭ ބޮޑު ހިތާމައެކެވެ.
މި މައްސަލަ ބޮޑުވަނީ، ދާދި ފަހުން ބޭއްވުނު އަންހެން ޑިވިޛަންގެ ކާމިޔާބީއަށް ފަހުގައެވެ. އަންހެން ޑިވިޛަންގެ ފޯރިގަދަ ފައިނަލުގައި ލ. ގަން ބަލިކޮށް ލ. މާބައިދޫ ޗެމްޕިއަންކަން ހޯދިއިރު، އެ މުބާރާތް ފެނިގެންދިޔައީ ވަރަށް އިންތިޒާމު ރަނގަޅު މުބާރާތެއްގެ ގޮތުގައެވެ. ނަމަވެސް، އެ ކާމިޔާބީގެ މައްޗަށް ބިނާކޮށް ކުރިއަށް ދިއުމުގެ ބަދަލުގައި، ފިރިހެން ޑިވިޛަން ފެނިގެން މިދަނީ ވަރަށް ބޮޑަށް ފަހަތަށް ސާޖަހާފައިވާ ތަނެވެ.

މިއީ އައު ކަމެއް ނޫނެވެ. މީގެ ކުރިން ރާއްޖޭގައި ވަރަށް ފޯރީގައި ބޭއްވުނު އިންޓަރ-ރިސޯޓް ވޮލީބޯޅަ މުބާރާތް ފަނޑުވެގެން ދިޔައީވެސް، އެކަށީގެންވާ ސަޕޯޓާއި މާކެޓިންގ އަދި ދެމެހެއްޓެނިވި ރޭވުންތެރިކަމެއް ނެތުމުގެ ސަބަބުންނެވެ. މިއަދު ރާއްޖެ ސުޕަ ލީގަށްވެސް ކުރިމަތިވެފައިވަނީ އެފަދަ ބިރެކެވެ.
އަސްލު މައްސަލައަކީ ބައިވެރިވާ ޓީމުތަކުގެ އަދަދެއް ނޫނެވެ. ނުވަތަ ބޭރުގެ ހާލަތްތަކެއްވެސް ނޫނެވެ. މައްސަލައަކީ މުބާރާތްތައް އިންތިޒާމުކޮށް ހިންގުމުގައި ޕްރޮފެޝަނަލް ނިޒާމެއް ނެތުމެވެ. ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިންނާއި، ފޯރިގަދަ ޓީމުތަކާއި، ވޮލީއަށް ލޯބިކުރާ ގިނަ ބަޔަކު އެބަތިއްބެވެ. މަދުވަނީ އެ ފަރާތްތަކަށް ހަމަޖެހޭ، އިތުބާރު ހުރި މާޙައުލެއްގައި މުބާރާތްތައް ބާއްވައިދޭނެ ނިޒާމެކެވެ.
ރާއްޖެ ސުޕަ ލީގު ތަކުރާރުކޮށް ފަސްކުރުމަކީ ހަމައެކަނި ތާރީޚުގެ މައްސަލައެއް ނޫނެވެ. އެއީ މުޅި އިދާރާގެ މިޞްރާބު އޮތް ގޮތާ މެދު އުފެދިފައިވާ ބޮޑު ކްރައިސިސްއެކެވެ. ވޮލީ އާއިލާގެ އެދުމަކީ ބަހަނާ ދެއްކުމުގެ ބަދަލުގައި، ޒިންމާދާރުކަމާއެކު މުބާރާތްތައް ރޭވުމެވެ.
ދިވެހި ވޮލީއަށް މިއަދު ބޭނުންވަނީ މަދު މުބާރާތްތަކެއް ނޫނެވެ. ބޭނުންވަނީ ވަރުގަދަ، އިތުބާރު ހުރި، އަދި ހަމަޖެހޭ މުބާރާތްތަކެކެވެ. އެންމެ މުހިންމު ކަމަކީ، ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދައިދެވޭނެ ފަދަ ލީޑަރޝިޕެކެވެ.
މި މައްސަލަތަކަށް އަވަސް ޙައްލެއް ނުލިބިއްޖެނަމަ، އޭގެ ނޭދެވޭ އަސަރު މުސްތަޤުބަލުގައި ވަރަށް ބޮޑަށް ކުރާނެއެވެ. ޓީމުތަކުގެ އިތުބާރު ގެއްލި، މުބާރާތްތަކުގެ ފެންވަރު ދަށްވެ، ދިވެހި ވޮލީ އޮންނަންޖެހޭ އުސްމިނަށް ނުދެވި، އަބަދުވެސް އޮންނަން ޖެހޭނީ މިފަދަ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ރާއްޖެ ސުޕަ ލީގަކީ ދިވެހި ވޮލީ ކުރިއަށް އެޅި ފިޔަވަޅަކަށް ވާން އޮތް ނަމަވެސް، މިއަދު އެއީ ހަރުދަނާ ބިންގަލެއް ނެތި ކުރާ ކަންކަމުން ލިބޭ ގެއްލުން ހާމަކޮށްދޭ މިސާލަކަށް ވަނީ ވެފައެވެ.