ސަރަހައްދީ ފެންވަރުގައި ވޮލީބޯޅައިގެ ހުނަރުވެރިކަން ދައްކާލުމަށް ބޭއްވި މުބާރާތް، މިހާރު މިވަނީ ދިވެހި ވޮލީބޯޅަ އާއިލާގެ ކަންބޮޑުވުންތަކާ ގުޅިފައިވާ ބޮޑު މައްސަލައަކަށް ބަދަލުވެފައެވެ. މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގައި ބޭއްވި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވުމަންސް ކްލަބް ޗެމްޕިއަންޝިޕްގެ “ޑްރީމް ޓީމް” ހޮވުމުގައި އަމަލުކުރި ގޮތާ މެދު ސުވާލު އުފެދިފައިވާއިރު، މުބާރާތުގެ ތެރޭގައި ފެނިގެންދިޔަ ޕްރޮފެޝަނަލިޒަމާއި، އަޚްލާގީ މިންގަނޑުތަކުގެ އިތުރުން ނިންމުންތަކުގެ ނަޒާހަތްތެރިކަމާ މެދު ވެސް ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފައެވެ.
މި މައްސަލައިގެ މައިގަނޑު ހަގީގަތަކީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިން ހިމެނޭ “ޑްރީމް ޓީމް” އިއުލާނުކުރުމެވެ. އާންމުކޮށް މިފަދަ ހޮވުންތައް ބިނާކުރަނީ ކުޅުންތެރިންގެ ތަފާސްހިސާބުތަކަށާއި އިންސާފުވެރި މިންގަނޑުތަކަށެވެ. ނަމަވެސް، ނޭޕާލްގެ ކުޅުންތެރިއަކު (މައުލޫމާތު ލިބިފައިވާ ގޮތުގައި ކަމަނާ) މި ޓީމުގައި ހިމެނުމުން، ދަނޑުގައި ތިބި ގިނަ ބަޔަކަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި، މުޅި މުބާރާތުގައި އެ ކުޅުންތެރިޔާ ދެއްކި ކުޅުމަށް ބަލާއިރު އެއީ އެއްވެސް ވަރަކަށް އުންމީދުކުރެވުނު ނިންމުމެއް ނޫނެވެ.
މިކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި، ޑްރީމް ޓީމް އެކުލަވާލުމަށް ފަންނީ ޓީމަކުން ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށް ނިޒާމެއް އެކުލަވާލިއެވެ. އެހެންނަމަވެސް، އިއުލާނުކުރި ލިސްޓުގައި ހިމެނުނު އެންމެ ފަހު ކުޅުންތެރިޔާގެ ނަން، ފަންނީ ޓީމުން ތައްޔާރުކުރި އަސްލު ލިސްޓުގައި ނެތް ކަމަށް މައުލޫމާތު ލިބެއެވެ. ތަފާސްހިސާބުތަކުން ދެއްކި ނަތީޖާއާއި އިއުލާނުކުރި ނަތީޖާއާ ދެމެދު ހުރި މި ބޮޑު ފަރަގުގެ ސަބަބުން، އިވެލުއޭޝަން ޓީމުގެ މެންބަރުންނަށް ވަނީ ބޮޑު މާޔޫސްކަމެއް ކުރިމަތިވެފައެވެ. މިއީ މުޅި މަރުހަލާގެ ސައްހަކަމާ މެދު ވަގުތުން ސުވާލު އުފެދުނު މައިގަނޑު ސަބަބެވެ.
މީގެ އިތުރުން، ވޮލީބޯލް އެސޯސިއޭޝަންގެ އިސް އޮފިޝަލަކާއި ނޭޕާލްގެ ކުޅުންތެރިޔާއާ ދެމެދު އޮތް ގާތް ގުޅުމުގެ ވާހަކަތަކަކީ ހަމައެކަނި ދެކެވޭ އަޑުތަކެއް ނޫނެވެ. މުބާރާތުގެ ރަސްމީ ހަރަކާތްތަކުގެ ބޭރުން، މި ދެ ފަރާތުގެ މެދުގައި އޮތް ގާތްކަން ހާމަވާ ފަދަ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވުމަކީ، ކުޅިވަރުގެ އަޚްލާގީ މިންގަނޑުތަކާއި ޕްރޮފެޝަނަލް ހަމަތަކާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ.
ބައިނަލްއަގުވާމީ މުބާރާތްތަކުގައި، ނިންމުންތައް ނިންމާ ފަރާތްތަކާއި ކުޅުންތެރިންނާ ދެމެދު އޮންނަ ގުޅުމަކީ ވަކި ހަމަތަކެއްގެ ތެރޭގައި އޮންނަންޖެހޭ ކަމެކެވެ. ނަމަވެސް، މި މައްސަލައިގައި “ޑްރީމް ޓީމް” ހޮވުމުގައި އިންސާފަށްވުރެ ބޮޑަށް އަމިއްލަ ގުޅުންތަކަށް އިސްކަންދީފައިވާ ކަމުގެ ތުހުމަތު ވަނީ ވަރުގަދަވެފައެވެ. މީގެ ކުރިން ދިވެހި ގައުމީ ޓީމު ނޭޕާލަށް ކުރި ދަތުރުގައި ވެސް، އާންމު އުސޫލުތަކުން ބޭރުން ވަކި ކުޅުންތެރިއަކާ ގާތް ގުޅުމެއް ބޭއްވި ކަމުގެ މައުލޫމާތުތަކެއް ވަނީ ފެންމަތިވެފައެވެ. މި ހުރިހާ ކަމަކުން ދޭހަވަނީ އެސޯސިއޭޝަންގެ ހިންގުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް އިންތިހާއަށް ދަަށްވެފައިވާ ކަމެވެ.

މި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަށް ގޮވާލާ އަޑުތައް އިތުރުވަމުންދާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކުޅިވަރުގެ ނަޒާހަތްތެރިކަން ދެމެހެއްޓޭނީ ހަމަހަމަކަމާއެކު ޒިންމާދާރުކުރުވައިގެންނެވެ. ވަކި މީހަކަށް ވީތީ ފިޔަވަޅު ނޭޅި އޮތުމަކީ، މުޅި ވޮލީބޯޅަ އާއިލާގެ އިތުބާރު ގެއްލި، ކުޅިވަރުގެ ކުރިއެރުމަށް އެޅޭ ހުރަހެކެވެ.
މި ހިޔާލުތަފާތުވުމަށް އޮތް ހަމައެކަނި ހައްލަކީ، ކަން ހިނގައިދިޔަ ގޮތް ދެފުށް ފެންނަ ގޮތަކަށް ތަހުގީގުކޮށް، ހަގީގަތް ހާމަކުރުމެވެ. އަދި އަޚްލާގީ މިންގަނޑުތަކާ ހިލާފުވެފައިވާ ނަމަ، އެއްވެސް އިސްތިސްނާއެއް ނެތި ފިޔަވަޅު އެޅުމަކީ މިއަދު ވޮލީބޯޅަ އާއިލާއިން އެދޭ އެންމެ މުހިންމު ކަންތަކެވެ.
ފަންނީ މަސައްކަތްތަކުގައި އުޅުނު ފަރާތްތަކަށް ލިބުނު އެންމެ ބޮޑު މާޔޫސްކަމަކީ، އިންސާފު ގާއިމުކުރުމަށް އެކުލަވާލާފައިވާ ނިޒާމުތަކަށް ބާރުގެ ބޭނުންކޮށްގެން ނުފޫޒު ފޯރުވުމެވެ. މިއީ މުޅި ކުޅިވަރުގެ އިތުބާރު ވެއްޔާ މޮޑެލާނެ ކަމެކެވެ. މިހާރު މި މައްސަލަ ވަނީ ހަމައެކަނި ކުޅުންތެރިއަކު ހޮވުމުގެ މައްސަލައަކުން ބޭރުވެ، ކުޅިވަރު ހިންގުމުގެ ނިޒާމާއި، ޒިންމާދާރުކުރުވުމާއި، ބައިނަލްއަގުވާމީ ޕްރޮފެޝަނަލިޒަމާ ގުޅޭ ބޮޑު ބަހުސަކަށް ބަދަލުވެފައެވެ.
ވޮލީބޯޅަ އާއިލާގެ ގިނަ ބަޔަކު ގޮވާލަނީ، މީގެ ކުރިންވެސް އަޚްލާގީ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ ފަދައިން، ހުރިހާ ފަންތިއެއްގެ އޮފިޝަލުންނަށް ވެސް ހަމަހަމަކަމާއެކު ގާނޫނު ތަންފީޒުކުރުމަށެވެ. ފެންނަން ހުރި ހެކިތަކަށް ފިޔަވަޅު ނާޅައި ދޫކޮށްލުމަކީ، ނިޒާމުގެ ތެރޭގައި ވަކި ބަޔަކަށް އިސްތިސްނާ ހޯދައިދެވޭ ކަމުގެ ނުރަނގަޅު މެސެޖެކެވެ.

ކާވާ ވުމަންސް ކްލަބް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ގާބިލުކަން ދައްކާލަން ލިބުނު ރަނގަޅު ފުރުސަތެކެވެ. ނަމަވެސް، މިއަދު މިއީ ކުޅިވަރުގެ އަޚްލާގާއި، އިތުބާރާއި، ނިންމުންތަކުގެ މުހިންމުކަމާ މެދު ފުންކޮށް ވިސްނަން ޖެހިފައިވާ ވަގުތެކެވެ. ވޮލީބޯޅަ އާއިލާގެ މެސެޖަކީ ސާފު މެސެޖެކެވެ: ނަޒާހަތްތެރިކަން ދެމެހެއްޓެންވާނީ އެއް ހަމައެއްގައެވެ. ޒިންމާދާރުކުރުވުން އޮންނަންވާނީ ހަމަހަމަކޮށެވެ. އަދި ޕްރޮފެޝަނަލިޒަމް ހިފަހައްޓަންވާނީ އެއްވެސް އިސްތިސްނާއެއް ނެތިއެވެ.