ރާއްޖޭގެ އަންހެން ވޮލީބޯޅައިގެ ކުރިއެރުމަށް އާ ބާބެއް ފެށޭނެ ކަމަށް އުންމީދު ކުރެވުނު ނަމަވެސް، ބައިނަލްއަގުވާމީ ގޮތުން އިހުތިރާމް ލިބިފައިވާ ކޯޗު ދާއިޗީ ސައިގޫސާގެ އިރުޝާދުގެ ދަށުން ބޭއްވި ފުރަތަމަ ރަސްމީ ފަރިތަކުރުންތައް ނިމިގެންދިޔައީ ކަންބޮޑުވުމާއި މާޔޫސްކަމާ އެކުގައެވެ.
މާރިޗު 30 ވަނަ ދުވަހުގެ ރޭ ސިންގަޕޫރު އެއާލައިންސްއިން ރާއްޖެއަށް އައި ކޯޗު ސައިގޫސާ އަށް ވޮލީ އާއިލާއިން މަރުހަބާ ކީ ވަރަށް ބޮޑު އުންމީދުތަކަކާ އެކުގައެވެ. ދުނިޔޭގެ ފެންވަރުގެ ފަންނީ މާހިރެއްގެ ފަރާތުން އުނގެނުމުގެ މި ފުރުސަތަކީ ރާއްޖޭގެ ކުޅުންތެރިންނަށް ލިބުނު ވަރަށް މަދު އަދި އަގުހުރި ފުރުސަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ވަކިން ހާއްސަކޮށް، އޭނާ ރާއްޖޭގައި ހޭދަކުރާ މުއްދަތަކީ އޭޕްރީލް 9 ވަނަ ދުވަހުގެ ނިޔަލަށް އޮތް ކުރު މުއްދަތަކަށް ވުމުން މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން މުހިންމެވެ.
ރާއްޖެ އައި ދުވަހުގެ ޖެހިގެން އައި ދުވަހުގެ ހެނދުނު އިންޑޯ ސެޝަނެއް ބަލާލުމަށްފަހު، މިއަދު ހެނދުނު 6:00 ގައި މާފާނު ޓާފް ވޮލީ ކޯޓުގައި ބޭއްވި ގައުމީ ޓީމުގެ ފަރިތަކުރުންތަކުން ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.
ގައުމީ ސްކޮޑުގައި ހިމެނޭ 28 ކުޅުންތެރިންގެ ތެރެއިން މި ފަރިތަކުރުންތަކަށް ހާޒިރުވީ އެންމެ 15 އެއްހާ ކުޅުންތެރިންނެވެ. ބޭރުގެ ކޯޗެއްގެ ބެލުމުގެ ދަށުން ތައްޔާރުވަމުންދާ ގައުމީ ޓީމަކަށް ބަލާއިރު، މިއީ އިންތިހާއަށް ދަށް ހާޒިރީއެކެވެ. މީގެ އިތުރުން، ސީނިއާ ގިނަ ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރިނުވުމަކީ ކަންބޮޑުވުން އިތުރުވި ކަމެކެވެ. ސީނިއާ ކުޅުންތެރިންގެ ތެރެއިން ހާޒިރުވީ ހަމައެކަނި އާމިނަތު ޝަހާ ޝާމިން އެކަންޏެވެ.
ވޮލީބޯޅަ އާއިލާގެ ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ހަމައެކަނި އިންތިޒާމީ މައްސަލައެއް ނޫނެވެ. މިއީ ރޭވުންތެރިކަމާއި ވިލަރެސްކުރުމުގައި ހުރި ބޮޑެތި އުނިކަންތައްތަކެއް ހާމަވެގެންދިޔަ ކަމެކެވެ. ފަރިތަކުރުންތަކުން ގައުމީ ޓީމެއްގެ ކިބައިން ފެންނަންޖެހޭ އެއްބައިވަންތަކަމާއި ވަކި ސިފައެއް ނުފެނެއެވެ. ކުޅުންތެރިން ހާޒިރުވީ އެކި ކުލަކުލައިގެ ޖާޒީތަކުގައެވެ. ގައުމީ ޓީމެއް ތަމްސީލުކުރާއިރު، މިފަދަ ކަންކަމަކީ ކުޅުންތެރިންގެ މެދުގައި އަހުލާގާއި ފަންނީ މިންގަނޑުތައް ހިފެހެއްޓުމަށް ލިބުނު ފުރުސަތެއް ނަމަވެސް، އެކަން ފެނިގެން ނުދިއުމަކީ ބޭރުގެ ކޯޗެއްގެ ކުރިމަތީގައި ގައުމަށް ލިބުނު އުނިކަމެކެވެ.
ފަރިތަކުރުންތައް ބޭއްވި ތަނާ މެދުވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަތިހު ޓާފް ކޯޓެއްގައި ކުރިއަށް ގެންދިއުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެއެވެ. ހާއްސަކޮށް، ޕްރޮފެޝަނަލް ކޯޗަކު ކުޅުންތެރިން ވަޒަންކޮށް، ތަމްރީނު ދިނުމަށް ތައްޔާރުވެގެން ހުރި ވަގުތެއްގައި، މިފަދަ މާހައުލެއްގައި ފަރިތަކުރުންތައް ބޭއްވުމަކީ ފެންވަރު ރަނގަޅު ތަމްރީނުތަކަށް އެކަށީގެންވާ ކަމެއް ނޫނެވެ.
ނަމަވެސް، އެންމެ ބޮޑު ކަންބޮޑުވުމަކީ ކުޅުންތެރިން ހާޒިރުނުވި ސަބަބެވެ. ފަރިތަކުރުންތަކަށްފަހު ކުޅުންތެރިންނާ ވާހަކަދެއްކުމުން އެނގުނު ގޮތުގައި، ގިނަ ކުޅުންތެރިންނަށް ވަޒީފާއިން ވީއްލުމުގެ ލިޔުން ވޮލީބޯޅަ އެސޯސިއޭޝަން (ވީ.އޭ.އެމް) އިން ވަގުތަށް ފޮނުވާފައެއް ނުވެއެވެ. އިދާރީ ގޮތުން ހެދުނު މި ބޮޑު ގޯހުގެ ސަބަބުން، ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.
މިފަދަ މުހިންމު ތަމްރީނުތަކެއް ކުރިއަށްދާއިރު، އިދާރީ ކަންކަން ދުރާލާ ހަމަޖައްސާފައި އޮތުމަކީ އާންމު އުސޫލެވެ. ކޯޗު އަންނާނެކަން ކުރިން އެނގި ތިބެ، މިފަދަ ކަންކަން ފުރިހަމަ ނުކުރެވުމަކީ އިސްނަގައިގެން ކަންކަން ރޭވުމުގައި އޮތް ބޮޑު އިހުމާލެއްގެ ގޮތުގައި އޮބްޒާވަރުން ސިފަކުރެއެވެ.
މި ހާލަތުގެ ސަބަބުން ކޯޗު ސައިގޫސާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ވަކި ޕްލޭނެއްގެ ދަށުން ތަމްރީނު ދޭން އައި ނަމަވެސް، މަދު ކުޅުންތެރިންކޮޅަކާއެކު މަސައްކަތް ކުރަން ޖެހުމުން، މުޅި ޓީމުގެ ފެންވަރު ވަޒަންކުރުމަށް ވަނީ ހުރަސްތަކެއް އެޅިފައެވެ. ކުރު މުއްދަތަކަށް އައިސް ހުރި ކޯޗަކަށް މިފަދަ މައްސަލަތަކުގެ ސަބަބުން ބޭނުންވާ ނަތީޖާ ހާސިލުކުރުމަށް ދަތިވާނެއެވެ.
މީގެ އިތުރުން، ޓީމުގެ ހެޑް ކޯޗު މިވަގުތު ޗުއްޓީގައި ހުރުމާއި، އޭނާ އެނބުރި އަންނާނީ އޭޕްރީލް 3 ގައި ކަމަށްވުމީވެސް އިންތިޒާމުތައް ދޯދިޔާވި ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި އެސިސްޓަންޓް ކޯޗުގެ ދައުރާ މެދުވެސް ވަނީ ސުވާލު އުފެދިފައެވެ. ފަންނީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އިދާރީ ނުފޫޒުގެ ދަށަށް ދިއުމަކީ ތަމްރީނުތަކުގެ ފެންވަރަށް އަސަރުކުރާ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
އިތުރު ކަންބޮޑުވުމަކީ، ކޯޗު ސައިގޫސާ ރާއްޖެ އައި ފަހުން ވީ.އޭ.އެމްގެ ޖެނެރަލް ސެކްރެޓަރީ އޭނާއާ ބައްދަލުކުރައްވާފައި ނުވުމެވެ. އަންހެން ވޮލީ މުބާރާތްތަކުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުތަކުން ވަރަށް ބޮޑަށް ފެންނަ ޖެނެރަލް ސެކްރެޓަރީ، މިފަދަ މުހިންމު ފަންނީ ދަތުރެއްގައި ކޯޗާ ބައްދަލުނުކުރުމަކީ އެސޯސިއޭޝަނުން އިސްކަންދޭ ކަންތައްތަކާ މެދު ސުވާލު އުފެދޭ ކަމެކެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ހަމައެކަނި ދެއްކުންތެރިކަމަށް އިސްކަންދީ، ކުޅިވަރުގެ ފަންނީ ކުރިއެރުމަށް ދެވޭ ސަމާލުކަން ކުޑަކަން ހާމަކޮށްދޭ ކަމެކެވެ.
ފުރަތަމަ ސެޝަނުން ފެނިގެންދިޔަ މާޔޫސްކަމަކީ ހަމައެކަނި އެއް ދުވަހުގެ މައްސަލައެއް ނޫނެވެ. ބޭރުގެ ކޯޗެއް ގެނައުމަށް ކުރި ހަރަދާއި ވަގުތުގެ ބޭނުން އެންމެ ފުރިހަމައަށް ނުހިފޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުރިމަގުގައި ބައިނަލްއަގުވާމީ މާހިރުން ރާއްޖެއަށް އައުމަށް ޖެހިލުންވުމަކީ އެކަށީގެންވާ ކަމެކެވެ.
ކޯޗު ސައިގޫސާގެ ބާކީ އޮތް ދުވަސްތަކުގައި މިކަންކަން އިސްލާހުވާނެ ކަމަށް އުންމީދު ކުރެވުނު ނަމަވެސް، ފުރަތަމަ ދުވަހުން ލިބުނު މެސެޖަކީ ސާފު މެސެޖެކެވެ. އެއީ ގައުމީ ޓީމުތައް މެނޭޖުކުރުމުގައި މިއަށްވުރެ ހަރުދަނާ، ޕްރޮފެޝަނަލް އަދި ރޭވުންތެރި ނިޒާމެއް ބޭނުންވާ ކަމެވެ.
ވޮލީބޯޅައިގެ އާ އުސްމިންތަކަކަށް ވާސިލުވާން މަސައްކަތްކުރާ ގައުމަކަށް، މިއީ ފިލާވަޅު ލިބިގަންނަންޖެހޭ ވަގުތެކެވެ. ގޮންޖެހުމަކީ ހަމައެކަނި ކޯޓު މަތީގައި ދައްކާ ކުޅުން ރަނގަޅުކުރުމެއް ނޫނެވެ. ކުޅުންތެރިންގެ އުންމީދުތަކާ އެއްވަރަށް ކުޅިވަރުގެ އިދާރީ ހިންގުންވެސް ހަރުދަނާކުރުމެވެ.