ކޯޗުންގެ ތަރައްޤީއަށް އިތުރު އެހީތެރިކަން ބޭނުންވެފައިވާ ދަނޑިވަޅެއްގައި، ރާއްޖެއިން ބޭރުން ލިބުނު ތަމްރީނު ފުރުޞަތަކާ މެދު ސުވާލު އުފެދިއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީ.އޭ.އެމް) މެދުވެރިވެގެން ރާއްޖެއިން ބޭރުން ހޯދައިދިން ތަމްރީނު ފުރުޞަތަކާ ގުޅިގެން، ރާއްޖޭގެ ވޮލީ އާއިލާގެ ތެރޭގައި ބަހުސްތަކެއް އުފެދިއްޖެއެވެ. ބައެއް ފަރާތްތަކުން ސުވާލު އުފައްދަނީ މިފަދަ ހަރަކާތްތަކަކީ ކުޅިވަރުގެ ކުރިއެރުމަށް މިވަގުތު އެންމެ ބޭނުންތެރި ކަންކަންތޯއެވެ
ވީ.އޭ.އެމް އިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ތައިލެންޑްގެ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މިސްޓަރ ސޮމްޕޯން ދެއްވި ފުރުޞަތެއްގައި، ރާއްޖޭގެ ދެ މަންދޫބުން ކަމަށްވާ ފަރުހާނާއި ޖަމްޝާދު ވަނީ ތައިލެންޑްގެ ޕްރޮފެޝަނަލް ވޮލީ ލީގުގެ ތެރޭގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދާފައެވެ. ފެބްރުއަރީ 26 އިން މާރިޗު 1 އަށް ކުރިއަށްދިޔަ މި ދަތުރުގައި، އެ ފަރާތްތަކުން ވަނީ ނުވަ މެޗެއްގައި އަމަލީ ގޮތުން އެހީތެރިވެދީ، ވޮލީގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ގޮތްތައް ބަލައި ތަޖުރިބާ ހޯދާފައެވެ
މި ހަރަކާތަކީ ތަޖުރިބާ ހޯދުމަށް ހުޅުވާލި ފުރުޞަތެއްގެ ގޮތުގައި އެސޯސިއޭޝަނުން ސިފަކުރި ނަމަވެސް، ވޮލީގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ދެކޭގޮތުގައި އެސޯސިއޭޝަންގެ އިސްކަންދޭ ތަރުތީބު ހުރީ އެންމެ ރަނގަޅަކަށް ނޫނެވެ
ދާއިރާގެ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، މިފަދަ ތަޖުރިބާތަކަކީ މުހިންމު ކަންކަން ކަމަށް ވީ ނަމަވެސް، ރާއްޖޭގެ ކޯޗުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް އެސޯސިއޭޝަނުން ދޭ ސަމާލުކަން ކުޑައެވެ. ޚާއްޞަކޮށް، ރާއްޖޭގެ ކްލަބްތަކާއި އަދި އަލަށް ވޮލީއަށް ނުކުންނަ ކުޅުންތެރިން ތަމްރީނުކުރުމުގައި ހަރަކާތްތެރިވާ ކޯޗުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތަކާއި، ސެޓްފިކެޓް ކޯސްތަކުގެ އިތުރުން ފަންނީ މަސައްކަތްތަކަށް ވަނީ ވަރަށް ބޮޑަށް ބޭނުންޖެހިފައެވެ
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މިހާރު ފެންނަނީ ކުޅުންތެރިންނާ އެކު ދަނޑުމަތީގައި އަމަލީ ގޮތުން މަސައްކަތްކުރާ ކޯޗުންގެ ފަންނީ ކުރިއެރުމަށް އިންވެސްޓް ކުރުމުގެ ބަދަލުގައި، އިދާރީ ހިންގުމާއި އިވެންޓްތައް މެނޭޖުކުރުމުގެ ދާއިރާއަށް ބޮޑަށް އިސްކަންދޭ މަންޒަރެވެ
ވޮލީ އާއިލާގެ ބައެއް މެންބަރުން ސުވާލު އުފައްދާ ގޮތުގައި، ބޭރުގެ ލީގުތަކުން ހޯދާ މިފަދަ ކުރު ތަޖުރިބާތަކުން ރާއްޖޭގެ ވޮލީއަށް ކުރާނެ ފައިދާއެއް އަދި ފެންނާކަށް ނެތެވެ. އޮބްޒާވަރުން ބުނާ ގޮތުގައި، ރާއްޖޭގެ ވޮލީގެ ފެންވަރު މަތިކުރެވޭނީ މިފަދަ ކުރު ދަތުރުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ދުރާލާ ރޭވިފައިވާ ފަންނީ ތަރައްޤީގެ ޕްލޭނެއްގެ ދަށުން މަސައްކަތް ކޮށްގެންނެވެ
މީގެ އިތުރުން، އެސޯސިއޭޝަނުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ކޯޗުން ތަމްރީނުކުރުމަށާއި، އަލަށް މި ކުޅިވަރަށް ނުކުންނަ ކުދިން ބިނާކުރުމަށް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މިއީ ކުޅިވަރުގެ މުސްތަޤުބަލަށްޓަކައި ކޮންމެހެން މުހިންމު ދާއިރާތަކެކެވެ
ކޯޗުންނަކީ ކުޅުންތެރިން ބިނާކުރުމުގެ އެންމެ މުހިންމު ތަނބު، ވޮލީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތަކުން ފާހަގަކުރިއެވެ. އަހަރެމެން ބޭނުންވަނީ މޮޅު ކުޅުންތެރިންނާއި ވަރުގަދަ ގައުމީ ޓީމުތަކެއް ކަމަށްވާނަމަ، އެންމެ ފުރަތަމަ އިންވެސްޓް ކުރަންޖެހެނީ ކޯޗުންގެ ތަމްރީނަށެވެ
ބައެއް ފާޑުކިޔުންތެރިން ބުނާ ގޮތުގައި، ބޭރުގެ މިފަދަ ދަތުރުތަކަށް ކުރާ ޚަރަދުތަކުގެ ބަދަލުގައި، އެ ފައިސާ ކޯޗުންނަށް ދޭ ސެޓްފިކެޓް ޕްރޮގްރާމްތަކަށާއި، ޒުވާން ކުޅުންތެރިން ތަމްރީނުކުރުމުގެ އޮނިގަނޑުތައް ހަރުދަނާކުރުމަށް ހޭދަކުރުން މާ ބުއްދިވެރިވާނެއެވެ
މި ބަހުސްތަކުން ހާމަވަނީ، ރާއްޖޭގެ ވޮލީ އާއިލާއިން އެސޯސިއޭޝަނުގެ ކިބައިން އެދެނީ، ކުޅިވަރުގެ މުސްތަޤުބަލަށް ސީދާ އަސަރުކުރާނެ ފަދަ، ދެމެހެއްޓެނިވި އަދި ސާފު ތަރައްޤީގެ ސްޓްރެޓެޖީއަކަށް އަމަލުކުރުމަށް ކަމެވެ. މިކަމުގެ ސަބަބުން ކުޅުންތެރިންނާއި ކޯޗުންނަށް ދާއިމީ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެފަރާތްތަކުން އުންމީދުކުރެއެވެ