މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އަކީ ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ރަސްމީ އިދާރާއެވެ. 1984 ވަނަ އަހަރު އުފެދި، ބައިނަލްއަޤްވާމީ އަދި އޭޝިއާގެ ކަމާބެހޭ އިދާރާތަކުގެ މެންބަރަކަށް ވީީއްސުރެ، ވީއޭއެމްގެ މެންޑޭޓަކީ ކުޅިވަރު ރެގިއުލޭޓްކުރުމާއި، މުބާރާތްތައް އިންތިޒާމުކުރުމާއި، މުޅި ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށް ދުރުރާސްތާގެ މަގުޗާޓުތައް އެކުލަވައިލުމެވެ.
ނަމަވެސް، ވީއޭއެމްގެ ހިންގާ ކޮމިޓީގެ ތެރޭގައި އެސޯސިއޭޝަންގެ ދަށުން ސީދާ ހިންގާ އެކަޑަމީއެއް އުފެއްދުމާ ގުޅޭގޮތުން ދާދިފަހުން ކުރެވުނު މަޝްވަރާތަކާ ގުޅިގެން ވޮލީބޯޅަ އާއިލާގެ ތެރޭގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ޒުވާން ކުޅުންތެރިން ބިނާކުރުމުގެ މުހިންމުކަން އެންމެންވެސް ގަބޫލުކުރި ނަމަވެސް، މިހާރު މިސްރާބު ހުރި ގޮތުން ދިވެހި ވޮލީބޯޅައިގެ ބިންގާ ކަމުގައިވާ އަމިއްލަ ކޯޗުންނާއި އެކަޑަމީތަކުގެ މަސައްކަތަށް ބުރޫއެރުމުގެ ބިރު އެބައޮތެވެ.
ކުޅިވަރެއްގެ ގައުމީ އިދާރާއަކީ އަސާސީ ފަންތީގައި ހަރަކާތްތެރިވާ ފަރާތްތަކާ ވާދަކުރަން އޮންނަ ތަނެއް ނޫނެވެ. އެފަދަ އިދާރާއެއްގެ ދައުރަކީ އެފަރާތްތައް ރެގިއުލޭޓްކޮށް، އެހީތެރިކަން ފޯރުކޮށްދީ، ބާރުވެރިކުރުވުމެވެ. ވީއޭއެމް ފަދަ އެސޯސިއޭޝަންތަކުގެ މަސްއޫލިއްޔަތަކީ ނިޒާމުތައް އެކުލަވައިލުމާއި، ގައުމީ ފެންވަރުގެ މުބާރާތްތައް ބޭއްވުމާއި، ގައުމީ ފެންވަރުގައި ކުޅުންތެރިން ކުރިއަށްދާނެ މަގުތައް ފަހިކޮށްދިނުމެވެ. އެއީ ކުރިއެރުމަށް މަގުފަހިކޮށްދޭ ފަރާތަކަށް ވާންޖެހޭނެއެވެ.
އެސޯސިއޭޝަންގެ ހިންގުން ހަރުދަނާކުރުމަށާއި، އަސާސީ ގަވާއިދު އިސްލާހުކުރުމަށާއި، ދެފުށް ފެންނަ ލީޑަރޝިޕެއް ގާއިމުކުރުމަށް މެންބަރު ކްލަބުތަކުން ގޮވާލަމުންދާ މި ދަނޑިވަޅުގައި، ވީއޭއެމްއިން އަމިއްލައަށް އެކަޑަމީއެއް ހިންގަން އުޅުމަކީ ސުވާލު އުފެދޭ ކަމެކެވެ. ގިނަ ފަރާތްތަކަކުން ސުވާލު އުފައްދަނީ، ހިތްވަރުގަދަ ކޯޗުން މިހާރުވެސް ފުރަމުންދާ ދައުރެއްގެ ތެރެއަށް ވަނުމުގެ ބަދަލުގައި، އެންމެ ފުރަތަމަ އިސްކަންދޭންވީ ހިންގުން ހަރުދަނާކޮށް އިތުބާރު އުފެއްދުމަށް ނޫންތޯއެވެ؟
ހަގީގަތަކީ، ދިވެހި ވޮލީބޯޅައިގައި މިހާރު ތިބި ހުނަރުވެރި ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ މަރުކަޒީ ގައުމީ ނިޒާމެއްގެ ތެރެއިން އުފެދުނު ބައެއް ނޫން ކަމެވެ. އޭގެ ބަދަލުގައި، އެއީ އެއްވެސް މާލީ އެހީތެރިކަމެއް ނުވަތަ ވަސީލަތެއް ނެތި، އަމިއްލަ އިސްނެގުމުގެ މަތިން ކޯޗުން އުފައްދާފައިވާ އެކަޑަމީތަކުން ނިކުމެފައިވާ ކުޅުންތެރިންނެވެ.
މި ކޯޗުން ވަނީ އެއްވެސް ވަރުބަލިކަމެއް ނެތި އަސާސީ ފަންތީގައި މަސައްކަތްކޮށް، ތަމްރީނުތައް ބާއްވައި، ޒުވާން އެތުލީޓުންނަށް މަގުދައްކައި، ސްކޫލްތަކާއި މުޖުތަމައުގެ ތެރޭގައި ވޮލީބޯޅަ ދިރުވައި އާލާކޮށްފައެވެ. ގައުމީ ފެންވަރުގެ ތަރުތީބު ކުރެވިފައިވާ ޕްރޮގްރާމްތައް މަދު ދުވަސްވަރުގައިވެސް މި ކުޅިވަރު ދެމެހެއްޓުމުގެ އަސްލަކީ އެ ފަރާތްތަކެވެ.
މިފަދަ ހާލަތެއްގައި، ވީއޭއެމްގެ ދަށުން އެކަޑަމީއެއް ހިންގަން އުޅުމަކީ ނުބައި މެސެޖެއް ދެވިދާނެ ކަމެކެވެ. އޭގެއިން ދޭހަވަނީ ކުޅިވަރު ބިނާކުރި ފަރާތްތަކުގެ އަގުވަޒަންކޮށް ބާރުވެރިކުރުވުމުގެ ބަދަލުގައި، އެސޯސިއޭޝަނަށް ލިބިފައިވާ ބާރާއި ވަސީލަތްތައް ބޭނުންކޮށްގެން އެފަރާތްތަކާ ވާދަކުރަން އުޅޭ ކަމެވެ.
މިފަދަ ފިޔަވަޅެއްގެ ސަބަބުން ދުރުރާސްތާގައި ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ. ގައުމީ އިދާރާއާއި އަމިއްލަ އެކަޑަމީތަކާ ދެމެދު ސީދާ ވާދަވެރިކަމެއް އުފެދި، ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރި އަމިއްލަ ކޯޗުންނަށް ދަތިތަކާ ކުރިމަތިވެދާނެއެވެ. އަދި ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތް، ފަންނީ މީހުންގެ އަތްމަތިން އިދާރީ ހިންގުންތެރިންގެ ބާރުގެ ދަށަށް ހިނގައިދާނެއެވެ.
އެންމެ ބޮޑު ކަންބޮޑުވުމަކީ، ރާއްޖޭގެ ކޯޗިންގެ މުސްތަގުބަލަށް ކުރާނެ އަސަރެވެ. ކޯޗުން ކުރާ މަސައްކަތުގެ އަގު ވަޒަންނުކުރެވި، ކޮންމެ ވަގުތެއްގައިވެސް އެސޯސިއޭޝަނުން އެމީހުންގެ މަގާމު އަތުލާފާނެ ކަމުގެ ބިރު އޮތްނަމަ، އާ އެކަޑަމީތައް ހަދައި ކުޅުންތެރިން ބިނާކުރުމަށް އާ މީހުން އިންވެސްޓްކުރުމަށް ފަސްޖެހޭނެއެވެ.
މި މަގުން ދިޔުމުގެ ބަދަލުގައި، ވީއޭއެމްއަށް އޮތް ފުރުސަތަކީ މިހާރު ހުރި އެކަޑަމީތަކާ ގުޅިގެން މަސައްކަތްކުރާނެ ޒަމާނީ އަދި ދެމެހެއްޓެނިވި މޮޑެލްއެއް އިހުތިޔާރު ކުރުމެވެ.
މީގެ ތެރޭގައި، އަމިއްލަ އެކަޑަމީތަކަކީ އެސޯސިއޭޝަނުން ބަލައިގަންނަ ތަންތަނަށް ހެދުމާއި، ކޯޗިންގ ކޯސްތަކާއި ސެޓްފިކެޓް ޕްރޮގްރާމްތަކުގެ ޒަރީއާއިން ފަންނީ އެހީތެރިކަން ދިނުމާއި، އަސާސީ ފަންތީގެ އެކަޑަމީތަކުން ގައުމީ ޓީމާ ހަމައަށް ދެވޭނެ ސާފު މަގުތަކެއް ކަނޑައެޅުން ހިމެނެއެވެ. އަދި އެކަޑަމީތަކުން ކުރާ މަސައްކަތް ތަކުރާރު ކުރުމުގެ ބަދަލުގައި، އެފަރާތްތަކަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުތައް ފޯރުކޮށްދިނުމެވެ.

މިއީ ދުނިޔޭގެ ކުރިއަރާފައިވާ ވޮލީބޯޅަ ފެޑެރޭޝަންތަކުންވެސް އަމަލުކުރާ ގޮތެވެ. އެފަދަ ތަންތަނުގައި އެސޯސިއޭޝަނުން އިސްކަންދެނީ ހިންގުމާއި ނިޒާމުތައް ރޭވުމަށެވެ. ކުޅުންތެރިން ބިނާކުރުމުގެ އިސް ދައުރު އަދާކުރަނީ ކޯޗުންނާއި އެކަޑަމީތަކުންނެވެ.
ދިވެހިރާއްޖޭގައި ވޮލީބޯޅަ ކުރިއަރާފައިވަނީ ހަމައެކަނި ސިޔާސަތުތަކަކުން ނުވަތަ އިދާރީ ރޭވުންތަކަކުން ނޫނެވެ. އެއީ މަދު ވަސީލަތްތަކާއެކުވެސް ނުހަނު ލޯތްބާއެކު ޒުވާން އެތުލީޓުން ތަމްރީނުކުރުމަށް ހުސްވި ކޯޗުންނާއި، ކުރީގެ ކުޅުންތެރިންނާއި، ކުދި އެކަޑަމީތަކުގެ ސަބަބުންނެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުން މި ކުޅިވަރުގެ މުސްތަގުބަލަށް އިހުލާސްތެރިވާނަމަ، ކުރިއަށް އޮތް މަގު ވަރަށް ސާފެވެ. މި ކުޅިވަރު ބިނާކުރި މީހުންނާ ވާދަކޮށްގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެމީހުންގެ އަގު ވަޒަންކޮށް، އެމީހުންގެ މަސައްކަތަށް އެހީތެރިވެ، އެންމެން ގުޅިގެން ވަރުގަދަ ވޮލީބޯޅަ އާއިލާއެއް ބިނާކުރަން ޖެހެއެވެ.
އެހެނީ، ދިވެހި ވޮލީބޯޅައިގެ މުސްތަގުބަލު ބައްޓަންވަނީ ބައްދަލުވުންތައް ބާއްވާ ކޮޓަރިތަކަކު ނޫނެވެ. އެއީ ކުޅިވަރަށް ހިދުމަތްކުރުމުގައި ސާބިތުވެ ތިބި ކޯޗުންގެ އިރުޝާދުގެ ދަށުން، ޕްރެކްޓިސް ކޯޓުތަކުގައި ބިނާވާނެ އެއްޗެކެވެ.