ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީ.އޭ.އެމް) އިން 20 އަހަރުން ދަށުގެ އަންހެން ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލްސް އިއުލާންކުރުމާ އެކު، އެ އެސޯސިއޭޝަނަށް އާންމުންގެ ސަމާލުކަމާއި ފާޑުކިޔުންތައް އަނެއްކާވެސް ވަނީ އަމާޒުވެފައެވެ.
މި ޓްރަޔަލްސް އިއުލާންކޮށްފައި މިވަނީ، ވޮލީބޯޅަ ތަރައްގީކުރުމުގައި ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރެއްގެ ގޮތުގައި ބެލެވޭ ޖަޕާނުގެ ކޯޗު، ދާއިޗީ ސައެގޫސާ ރާއްޖެ އައިސްފައިވާ ދަނޑިވަޅެއްގައެވެ. އޭނާ ރާއްޖޭގައި ހޭދަކުރާ ކުރު މުއްދަތަކީ (އޭޕްރީލް 9 އަށް ނިމޭ) ދިވެހި އެތުލީޓުންނަށް ލިބޭނެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، މި ޕްރޮގްރާމަކީ ހަމައެކަނި އޭނާގެ ޒިޔާރަތާ ދިމާކޮށް، ދުރު ރޭވުމެއް ނެތި، ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދުމަށް ހިންގާ ހަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ.
މީގެ އިތުރުން، މި ޓްރަޔަލްސް އިންތިޒާމުކުރުމުގައި އިދާރީ އޮނިގަނޑު ބަލިކަށިވުމާއި، ޕްރޮފެޝަނަލްކަން ކުޑަކަމުގެ ޝަކުވާތައް ވެސް ވަނީ ފެންމަތިވެފައެވެ. ޓްރަޔަލްސްގެ ރަސްމީ އިޝްތިހާރުގައި ބުނެފައިވަނީ، ބައިވެރިވާން ބޭނުންވާ ކުޅުންތެރިން ސީދާ ހެޑް ކޯޗާ ގުޅައިގެން ރަޖިސްޓްރީވުމަށެވެ. މިއީ އަމަލީ ގޮތުން ފަސޭހަ ކަމެއްގެ ގޮތުގައި ފެނުނު ނަމަވެސް، ގައުމީ ފެންވަރުގެ ޕްރޮގްރާމެއްގައި މިފަދަ “މައިކްރޯ މެނޭޖްމަންޓް” އުސޫލުތައް ގެންގުޅުމަކީ އިދާރީ ރޭވުންތެރިކަން ކުޑަވުމުގެ ނިޝާނެއް ކަމަށް ވޮލީބޯޅަ އާއިލާގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ވޮލީބޯޅައިގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާ ގޮތުގައި، ގައުމީ ޓީމެއްގެ ކަންކަން ބަލަހައްޓަންވާނީ ޓީމު މެނޭޖަރަކާއި ހަރުދަނާ އިދާރީ ނިޒާމެއްގެ ދަށުންނެވެ. ހަމައެކަނި ކޯޗަކާ މުއާމަލާތްކޮށްގެން ކަންކަން ނިންމުމަކީ، ގައުމީ ފެންވަރުގެ ޕްރޮގްރާމަކުން ފެންނަންޖެހޭނެ ފަންނީ ފެންވަރެއް ނޫނެވެ.
“ޕްރޮފެޝަނަލްކަން ފެށެނީ މި ހިސާބުން. ގައުމީ ޓީމެއްގެ ޕްރޮގްރާމެއް ފެށުމުގެ ކުރިން ވެސް މިހާ ނުރަސްމީކޮށް ކަންކަން ކުރިއަށްދާ ނަމަ، މުސްތަގުބަލުގައި މިކަން ހިނގާނެ ގޮތާ މެދު ސުވާލު އުފެދޭ،” އެއް ކޯޗަކު ފާހަގަކުރިއެވެ.
މި ޕްރޮގްރާމުގެ އިޝްތިހާރުތައް ވަރަށް ފުރިހަމައަށް ތައްޔާރުކޮށް ފަތުރަމުންދާއިރު، މިއީ އަމަލީ މަސައްކަތަށް ވުރެ ބޮޑަށް ދެއްކުންތެރިކަމަށް އިސްކަންދީގެން ކުރާ ކަމެއް ކަމުގެ ބިރު ވޮލީބޯޅަ ކޮމިއުނިޓީގައި އެބައޮތެވެ. އަދި މި ޕްރޮގްރާމަކީ ބޭރުގެ ކޯޗުގެ ހުރިކަން ދައްކައި، އާންމުންގެ ސަމާލުކަން ހޯދުމަށް ކުރާ ކަމެއް ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ގައުމީ ޓީމު ބިނާކުރުމުގެ ރޫހެއް މީގައި ނެތް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މީގެ އިތުރުން، 20 އަހަރުން ދަށުގެ ސްކޮޑަށް ހޮވޭ ކުޅުންތެރިންގެ ތެރޭގައި ގިނައީ “ބްލޫސް ވޮލީބޯލް އެކަޑަމީ” ގެ ކުޅުންތެރިން ކަމަށް ދެކެވޭ ވާހަކަތަކުން ވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ރަސްމީކޮށް މިކަން ކަށަވަރުވެފައި ނުވީ ނަމަވެސް، އެ އެކަޑަމީގެ ކުޅުންތެރިންނަށް ޖަޕާނު ކޯޗުގެ ދަށުން ތަމްރީނުވުމުގެ ފުރުސަތު ބޮޑު ކަމަށް ދެކެވޭ ވާހަކަތަކުގެ ސަބަބުން، އެހެން ކްލަބްތަކާއި އެކަޑަމީތަކުގެ ކުޅުންތެރިންނަށް ހަމަހަމަ ފުރުސަތު ލިބޭނެތޯ ސުވާލު އުފެދެއެވެ.
މި ކަންބޮޑުވުންތައް އުފެދިފައި މިވަނީ މާޒީގައި ކަން ހިނގާފައިވާ ގޮތުގެ ސަބަބުންނެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ވީ.އޭ.އެމް އިން ވަނީ 14، 16 އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމުތައް އުފައްދާނެ ކަމަށް ބުނެ، ބޮޑު އުންމީދެއް ދީފައެވެ. ނަމަވެސް، 10 މަސް ފާއިތުވެގެން ދިޔައިރު ވެސް އެ ޕްރޮގްރާމްތަކުގެ އެއްވެސް ނަތީޖާއެއް ފެންނާކަށް ނެތެވެ. ތަމްރީނުތަކާއި މުބާރާތްތައް ކުރިއަށް ނުދާއިރު، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް ހިއްސާކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން، އާ 20 އަހަރުން ދަށުގެ ޓީމުގެ ލީޑަޝިޕާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ. ގައުމީ ފެންވަރުގެ ޑިވެލޮޕްމަންޓް ސްކޮޑްތައް ހަވާލުކުރަންޖެހޭނީ ވަރަށް ތަޖުރިބާކާރު ކޯޗުންނާ ކަމަށްވާއިރު، މި ޓީމު ހަވާލުކޮށްފައިވަނީ އަދިވެސް “އެމާޖިން” ކޯޗެއްގެ ގޮތުގައި ބެލެވޭ މުނާ މުނީރާއެވެ. ދާދި ފަހުން ސްރީލަންކާގައި އޮތް 19 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ނަތީޖާ ދަށްވުމުން، މިފަދަ ޓީމުތަކަށް ތަޖުރިބާކާރުންގެ އިރުޝާދު ބޭނުންވާކަން ވަނީ ސާބިތުވެފައެވެ. ޒުވާން ކޯޗުންނަށް ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ނަމަވެސް، ކުޅުންތެރިންގެ ކުރިއެރުމާއި ފެންވަރު ހިފެހެއްޓުމަށްޓަކައި ތަޖުރިބާކާރު ކޯޗުންގެ ބައިވެރިވުން ކޮންމެހެން ބޭނުންތެރި ކަމަށް ފާހަގަކުރެވެއެވެ.
މި ހުރިހާ ސަބަބުތަކާ ހުރެ، 20 އަހަރުން ދަށުގެ ޓީމު އިއުލާންކުރުމަކީ ކުރިއަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ބަލައިގަތުމަށް ގިނަ ބަޔަކު ދަނީ ޖެހިލުންވަމުންނެވެ. ކޯޗުންނާއި ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ހަމައެކަނި ކުރު މުއްދަތުގެ ހަރަކާތްތަކަކުން ވޮލީބޯޅައެއް ކުރިއެއް ނޭރޭނެއެވެ. ޖަޕާނު ކޯޗުގެ ބޭނުން ހިފަންވާނީ ދެމެހެއްޓެނިވި، ރޭވުންތެރި ނިޒާމެއްގެ ތެރެއިންނެވެ.
ވޮލީބޯޅަ އާއިލާގެ އެދުމަކީ، މާޒީގައި އިއުލާންކުރި ޔޫތު ޕްރޮގްރާމްތަކަށް ވީގޮތް ސާފުކޮށްދީ، މިފަހަރުގެ މި ހަރަކާތަކީ ހަމައެކަނި ފޮޓޯއަކަށް ނުވަތަ ދެއްކުންތެރިކަމަށް ކުރާ ކަމަކަށް ނުވުމެވެ. މި ޓްރަޔަލްސްގެ ކާމިޔާބީ މިނެކިރޭނީ އޭގެ ފުރިހަމަ އިޝްތިހާރުތަކަކުން ނޫނެވެ. އެކަމަކު، މި ހަރަކާތް ނިމި، ސަމާލުކަން ކެނޑިގެންދާއިރު، ދިވެހި ވޮލީބޯޅައަށް ލިބިފައިވާ ހަގީގީ ކުރިއެރުމަކުންނެވެ.